Tuesday, 28 July 2026
ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް ހައްލެއް: ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލަނީ!

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހިންގުމުގައި ދިމާވެފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ޕާޓީގެ ޗެއާޕާސަނަށް ލަފާދޭ ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ގޮތްތަކެއް ނިންމުމަށް ތައްޔާރުވެއްޖެއެވެ. މި ބަދަލުތަކަކީ ޕާޓީގެ އިސްވެރިންގެ މެދުގައި ފާއިތުވި ދުވަސްތަކުގައި ކުރެވުނު މަޝްވަރާތަކަށްފަހު އެއްބަސްވެވުނު ކަންތައްތަކެކެވެ.

އެމްޑީޕީގެ ހިންގުމުގެ ނިޒާމަށް ގެންނަ މި ބޮޑު ބަދަލުގެ ދަށުން އުފައްދާ އިންޓެރިމް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެވެ. މީގެ އިތުރުން ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ރައީސް ނަޝީދާއި ރައީސް ސޯލިހު އައްޔަންކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި މައްސަލަތައް ހޫނުވެގެން ދިޔައީ ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ބައެއް ލީޑަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމާއި، ޕާޓީގެ އިދާރީ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު އެއްބަސްވެފައިވަނީ ވަކިކުރި ބޭފުޅުން އަލުން މަގާމަށް އިޔާދަކުރުމަށާއި، ވަގުތީ ޗެއާޕާސަންގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވީ، ޕާޓީގެ އެތެރޭގައި ޖެހުނު މައްސަލައަކީ އާންމު މެންބަރުންނަށް މާޔޫސްކަން ލިބުނު ކަމެއް ނަމަވެސް، ހުރިހާ ލީޑަރުން މަޝްވަރާކޮށްގެން މިހާރު ހައްލެއް ހޯދިފައިވާ ކަމަށެވެ.

މި ބަދަލުތައް ފާސްކުރުމަށް ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *