އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 02:21 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 08:18 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ކަށަވަރުކޮށްދެއެވެ.
މި ހާދިސާއާ ގުޅިގެން އެފްޑީސީން ބުނީ، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެ ކޯޕަރޭޝަންގެ ޓީމެއް ވެސް އެމްއެންޑީއެފާ ގުޅިގެން ހަރަކާތްތެރިވި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް އިމާރާތަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މިކަން އިތުރަށް ބަލަމުންދާ ކަމަށް އެފްޑީސީން ހާމަކުރެއެވެ.
ދޯދި ފްލެޓްތަކަށް މީހުން ބަދަލުވާން ފެށި ފަހުން، އެ ސަރަހައްދުގެ އިމާރާތްތައް ކައިރިއަށް ކުނި އެޅުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް އަލަށް ބަދަލުވާ ފަރާތްތަކުން ހުސް ފޮށިގަނޑާއި އެހެނިހެން ކަރުދާސް ފަދަ ތަކެތި އެ ސަރަހައްދަށް އުކާލާ މައްސަލަ ގިނަ ބަޔަކު ފާހަގަކުރެއެވެ. އެފްޑީސީން ބުނީ މިގޮތަށް ކުނި އަޅާ ފަރާތްތައް މޮނިޓާކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނާ ގޮތުގައި، އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ނެތުމާއި ސެކިއުރިޓީ ބެލެހެއްޓުމުގައި ހުރި ދަތިތަކުގެ ސަބަބުން ކުނި އަޅާ ފަރާތްތައް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ހަރުދަނާ ނިޒާމެއްގެ ދަށުން ކަންކަން ބެލެހެއްޓުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.


