ކަނޑުމަގުން ރާއްޖެއަށް ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ ޒުވާނުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ތަރިޖެހިއާގެ، އުމުރުން 25 އަހަރުގެ ޢިސްމާއީލް އަބާން ޢަބްދުﷲ އާއި ސ. މަރަދޫ، ރަތްމާގެ، އުމުރުން 19 އަހަރުގެ އަޙްމަދު ދާން ފަރްހޫދުއެވެ.
މި ދެ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅުމުގެ އިތުރުން އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންނެވެ. މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ތިބި މި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް އިތުރު 16 ދުވަސް ޖަހައިދީފައެވެ.
މި ދެ ޒުވާނުން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގުޅިގެން މާރިޗު މަހުގެ ފަސްވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެ މީހުން ބަލައި ފާސްކުރިއިރު، ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ކޯޓުން ނެރުނު އެންމެ ފަހުގެ ބަންދު އަމުރުގައިވާ ގޮތުން، މި ދެ މީހުންގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ޤާނޫނު ބުނާގޮތުން، ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އަތުގައި ހުރުމަކީ ޓްރެފިކް ކުރުން ކަމަށް ބެލެވޭނެއެވެ. އެގޮތުން 4 ގްރާމަށްވުރެ ގިނަ ޑައިމޯފިން ނުވަތަ 14 ގްރާމަށްވުރެ ގިނަ ކެނެބިސް އެތެރެކުރުމަކީ ޓްރެފިކް ކުރުމުގެ ކުށެވެ. މި ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މަސްތުވާތަކެތި އުފެއްދުމާއި، އެތެރެކުރުމާއި، ވިއްކުމަކީ ރާއްޖޭގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެކެވެ. މިފަދަ މައްސަލަތަކުގައި ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ އެ ތަކެއްޗަކީ މަސްތުވާތަކެތިކަން އެނގިހުރެ އެ މީހެއްގެ ބާރުގެ ދަށުގައި ހުރިކަމެވެ.


