ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫގެ ރައީސް ހޮވުމުގައި މައްސަލަ ޖެހުނު ވޯޓު ފޮށި އަލުން ގުނިއިރު، އެއް ވޯޓުގެ ތަފާތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމް އާއި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން އިބްރާހިމް ނަސީމެވެ. އޭގެ ތެރެއިން އީސީގެ ވެބްސައިޓުގައިވާ ނަތީޖާ އިން ދައްކާ ގޮތުގައި ސުހާއަށް ލިބުނީ 393 ވޯޓެވެ. އަދި ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓަށް ލިބުނީ 100 ވޯޓެވެ.
މި މައްސަލައަކީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާކަމަށް ބުނެ އެމްޑީއޭއިން އެ ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލައެކެވެ.
އެގޮތުން މީދޫގެ ދެ ނަމްބަރު ވޯޓު ފޮށީގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އެ ބިއުރޯއިން މައްސަލަ ބެލުމަށްފަހު ވޯޓު އަލުން ގުނުމަށް އެންގުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ ފޮށި އަލުން ގުނާފައެވެ.
ވޯޓު ފޮށި އަލުން ގުނުމުން ލިބުނު ނަތީޖާ ދައްކާގޮތުން، އެމްޑީއޭގެ ކެނޑިޑޭޓް މުހައްމަދު ޝާހިދަށް އެ ފޮށިން 127 ވޯޓު ލިބިފައިވެއެވެ. ޕީއެންސީގެ ކެނޑިޑޭޓަށް 114 ވޯޓު ލިބުނުއިރު، އަމިއްލަ ކެނޑިޑޭޓަށް ލިބުނީ 36 ވޯޓެވެ. އަދި މި ފޮށިން 17 ވޯޓު ވަނީ ބާޠިލްވެފައެވެ.
ދެ ކެންޑިޑޭޓުން އެއްވަރުވެފައި ވަނިކޮށް، ފޮނަދޫ ފޮށި އަލުން ގުނުމުން، އެމްޑީއޭގެ ކެންޑިޑޭޓަށް މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.


