ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގެ ސަބަބުން، އެ ގައުމުން ތެޔޮ އުފައްދާ މިންވަރު ދުވާލަކު 600،000 ފީފާއަށް މަދުވެފައިވާ ކަމަށް ސައުދީގެ މިނިސްޓްރީ އޮފް އެނާޖީން ހާމަކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން އިންޑަސްޓްރިއަލް ސެކިއުރިޓީގައި މަސައްކަތްކުރާ ސައުދީ ރައްޔިތަކު މަރުވެ، އިތުރު ހަތް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރަސްމީ މަސްދަރުތަކުން ބުނެއެވެ.
މި ހަމަލާތައް އަމާޒުވެފައިވަނީ ސައުދީގެ މުހިންމު ސަރަހައްދުތަކެއް ކަމަށްވާ މަނިފާ، ހުރައިސް އަދި އިރުމަތިން ހުޅަނގަށް ގުޅާލާފައިވާ މައި ހޮޅިލައިނަށެވެ. މީގެ އިތުރުން ބައެއް ރިފައިނަރީތަކާއި ޕްރޮސެސިން ފެސިލިޓީތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، ތެޔޮ ބޭރުކުރުމަށާއި އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ. ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީސްޓް-ވެސްޓް ޕައިޕްލައިންގެ ތްރޫޕުޓް ވެސް ވަނީ ދުވާލަކު 700،000 ފީފާއަށް ދަށްވެފައެވެ.
ސައުދީ އެނާޖީ މިނިސްޓްރީން އިންޒާރު ދީފައިވާ ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމުގެ ރައްކާތެރިކަން ގެއްލި، ތެލުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި މިއީ ދުނިޔޭގެ އިގްތިސާދަށް ވެސް އޮތް ނުރައްކަލެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ. ޖޭޕީ މޯގަންގެ އެނަލިސްޓުން ލަފާކުރާ ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ގާތްގަނޑަކަށް 50 އަށް ވުރެ ގިނަ އިންފްރާސްޓްރަކްޗާ އަށް ވަނީ ގެއްލުން ލިބިފައެވެ.
މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ހޯމްޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ އާންމު ހާލަތަށް ވުރެ 10 އިންސައްތަ ދަށަށް ގޮސްފައެވެ. އެކްސް އެނަލިސްޓްސްގެ ސީއީއޯ މުކޭޝް ސަހްދޭވް ވިދާޅުވި ގޮތުގައި، ހޯމްޒް ކަނޑުއޮޅިން ތެޔޮ އުފުލުން އާންމު ހާލަތަކަށް ނުގެނެވިއްޖެ ނަމަ، ބްރެންޓް ތެލުގެ ފީފާއެއްގެ އަގު 190 ޑޮލަރަށް އުފުލުމުގެ ބިރު އެބައޮތެވެ.
މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާއިން ދަނީ ލިބުނު ގެއްލުންތައް މަރާމާތުކޮށް، އުފެއްދުންތެރިކަން އަނބުރާ އިއާދަކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން ތެޔޮ ރައްކާކޮށްފައި ހުރި މިންވަރު މަދުވެ، ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން އަދިވެސް ދަނީ އިތުރުވަމުންނެވެ.


