Tuesday, 28 July 2026
ވޯޓު ފޮށިތައް ގުނަނީ---ފޮޓޯ:މޯލްޑިވްސް އިންޑިޕެންޑެންޓް

ހުށަހެޅި ޝަކުވާ އަކާ ގުޅިގެން ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓު ފޮށި އަލުން ގުނުމަށް ނިންމައިފި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން، އެ ރަށުގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މިކަން ކޮމިޝަނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މީދޫ ދެ ނަންބަރު ވޯޓު ފޮއްޓަށް ލާފައިވާ ކައުންސިލް ރައީސްގެ ވޯޓުތައް އަލުން ގުނުމަށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތް ކުރުމަށްޓަކައި ވޯޓު ފޮށީގެ ސެކިއުރިޓީ އުރަ ކެނޑުން މިއަދު ހަވީރު 16:00 ގައި އިންތިޚާބާ ބެހޭ މަރުކަޒުގައި އޮންނާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ. މި މަސައްކަތް ކުރިއަށްދާއިރު މީޑިއާތަކަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.

ކޮމިޝަނުން ކުރިން އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، މީދޫ ކައުންސިލް ރައީސްގެ ގޮނޑި 393 ވޯޓާއެކު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހިމެވެ. އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ. ނަމަވެސް، އެމްޑީއޭގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އީސީން ވަނީ ޕީއެންސީއަށް ލިބުނު ވޯޓެއް ބާތިލްކޮށްފައެވެ.

މި ވޯޓު ބާތިލްކުރީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް މީދޫގެ ހަތަރު މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކު ވޯޓުލީ ދުވަހު މީދޫގައި ހުރި ކަމަށް އެމްޑީއޭއިން ބުނުމާ ގުޅިގެންނެވެ. އެމްޑީއޭއިން ބުނާ ގޮތުގައި އެ މީހާ ވޯޓުލާން ފޮނަދޫއަށް ގޮސްފައެއް ނުވެއެވެ. މި ވޯޓު ބާތިލްކުރުމާއެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު މިހާރު ވަނީ އެއްވަރުވެފައެވެ.

މީދޫ ކައުންސިލްގެ އެހެން ގޮނޑިތަކަށް ބަލާއިރު، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އަނެއް ދެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެގޮތުން އަންހެނުންނަށް ހާއްސަ ގޮނޑި މިސްކާ އަބްދުލްރަހްމާން ކާމިޔާބު ކުރިއިރު، ކައުންސިލްގެ އަނެއް ގޮނޑި ކާމިޔާބު ކުރީ ހުސެއިން ރަޝީދެވެ.

މީގެ އިތުރުން، މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއިރު، އެމްޑީއޭއަށް ލިބުނީ އެއް ގޮނޑިއެވެ. ކޮމިޓީގެ ރައީސަކަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ އަފާފް އިސްމާއިލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *