ޔަހޫދީންގެ ޙަމަލާތަކުގެ ރައްދުގައި އިރާނުން ޔަހޫދީ ދައުލަތަށް ދެމުންދިޔަ ޙަމަލާތައް މެދުކަނޑައިލުމާއެކު، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކުގެ ޝަރީޢަތްތައް އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އަލުން ފެށުމަށް ތާވަލުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން، އީރާނުން ވަނީ ރައްދުގައި ވަރުގަދަ މިސައިލް ޙަމަލާތަކެއް ޔަހޫދީ ދައުލަތަށް އަމާޒުކޮށްފައެވެ. ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމްކުރުމާއެކު، މިހާރު ވަނީ ޙަމަލާތައް މަޑުޖެހިފައެވެ. މިއާއެކު، ޔަހޫދީ ދައުލަތުގައި އިޢުލާނުކޮށްފައި އޮތް ކުއްލި ޙާލަތު ވެސް މިހާރު ވަނީ އުވާލައިފައެވެ.
ޔަހޫދީ ކޯޓުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުއްލި ޙާލަތު އުވާލައި ޝަރުޢީ ނިޒާމު އަލުން މަސައްކަތްކުރަން ފަށާފައިވާތީ، މެދުކަނޑާލާފައިވާ އަޑުއެހުންތައް އަލުން ތާވަލުކުރަމުންދާ ކަމަށެވެ. އެ ގޮތުން ނަތަންޔާހޫގެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ ދުވަހާއި ބުދަ ދުވަހާ ދެމެދު ކަމަށް ކޯޓުން ބުނެއެވެ.
ބެންޖަމިން ނަތަންޔާހޫ އަކީ ޖިނާޢީ ކުށެއްގެ ދައުވާ އުފުލުނު ޔަހޫދީންގެ ފުރަތަމަ ބޮޑުވަޒީރެވެ. 2019 ވަނަ އަހަރު އޭނާގެ މައްޗަށް ރިޝްވަރު ދިނުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން އިތުބާރު ގެއްލުވާލުމުގެ ދައުވާތައް ވަނީ އުފުލާފައެވެ. މި މައްސަލަތަކުގެ ޝަރީޢަތް 2020 ވަނަ އަހަރު ފެށި ނަމަވެސް، ރަސްމީ ޒިންމާ އަދާކުރުމަށް ވަގުތު ދިނުމުގެ ގޮތުން މައްސަލަ ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ.
ޤާނޫނީ މާހިރުން ލަފާކުރާ ގޮތުގައި، މި ދައުވާތައް ނަތަންޔާހޫގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ޖަލު ހުކުމެއް އައުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިއީ އޭނާގެ ސިޔާސީ މުސްތަޤުބަލަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ބެލެވެއެވެ.


