އަޅުގަނޑުމެންގެ ދަރީންނަށް ވާރުތަކޮށްދެވޭނެ އެންމެ އަގުހުރި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މީގެ 899 އަހަރު ކުރިން ދިވެހިން އިސްލާމްދީން ޤަބޫލުކުރުމުގައި ދައްކުވައިދިނީ ކިޔަމަންތެރިކަމާއި ޞުލްޙަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ޚިޔާރުކުރުމުގެ ރީތި ނަމޫނާއެކެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ދެމިއޮތީ، ދިވެހިންނަކީ ޙައްޤުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާތްވެގެންވާ އިސްލާމްދީނާއި ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތައް ދަރީންނަށް ވާރުތަކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، މި އަގުހުރި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަޞީބު ހުރިހާ ޒަމާނެއްގައިވެސް ދިވެހީންނަށް މިންވަރުކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.
އަންނަ އަހަރަކީ ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، މި މުހިންމު މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ ގިނަ ޙަރަކާތްތަކެއް ސަރުކާރުން ހިންގުމަށް ރާވާފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.


