އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ވަނުމުގެ ފާސް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެހީތެރިވެދިނުމަށް ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށް ނަޝީދުގެ އޮފީހުން ހާމަކޮށްފި އެވެ.
ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދަށް، ދިވެހި ސަރުކާރުގެ އިޖާބައާއި ގަބޫލު ނެތަސް، އަދި ނުރުހުނަސް ރަސްމީ ހައިސިއްޔަތުން އދ. އަށް ވަނުމާއި އާންމު އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ދިދައާއި ނިޝާން ޖެހި ފާހުގައި ރާއްޖެ ތަމްސީލުވާނެ މަގުން، އެކި ރަސްމީ ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ރާއްޖެއަށް ނުހަނު ލާބަޔާއި މަންފާ ލިބޭނެ ކަމެއް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދައެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.


