ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. .
މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުރީގެ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވި، އޭގެ ބަދަލުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އުފެދިގެން ދާނެއެވެ. އައު ކޮމިޝަން އެކުލަވައިލައި މެންބަރުން ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ބަލަހައްޓާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކުރުމާއި، ދޮގު ހަބަރު ފެތުރުން ހުއްޓުވުމެވެ. އަދި ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރި އިރު ވެސް ނޫސްވެރިން އިހުތިޖާޖުކުރިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މި ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް މާއްދާ އުނިކުރުން ހިމެނެއެވެ. ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތައް އަދިވެސް ދެމިއޮތްކަން ފާހަގަކުރެވެއެވެ.


