މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލުން ހައްލެއް ނުލިބޭތީ، އެ ބިލް ތަސްދީގު ނުކުރެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ.
އެމްޖޭއޭ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ އާ ރައީސް އަހުމަދު ނާއިފް ވިދާޅުވީ، ބިލް ތަސްދީގު ކުރެއްވި ކަމުގައި ވިޔަސް އެ ބިލަށް އެ ޖަމިއްޔާއިން އަމަލު ނުކުރާނެ ކަމަށެވެ. އަދި ބިލް ތަސްދީގު ކުރައްވައިފިނަމަ، އެ ގާނޫނަށް "ގޮންޖަހާނެ" ކަމަށާއި އޭގެ ބޭރުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޖޭއޭ އިން ފާހަގަކުރާ ގޮތުގައި، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާއެކު ބިލް ފާސްކުރި ނަމަވެސް، އަދިވެސް ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ކޮމިޝަނަށް އައްޔަންކުރާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރަކު ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ގޮތަށް އޮތުމާއި، މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކުރުމުގެ ބާރު އޮތުން ހިމެނެއެވެ.
"ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރަންވާނީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއްގެ ތެރެއިން. އަޅުގަނޑުމެން ސެލްފް ރެގިއުލޭޓް ކުރުމާ ދެކޮޅީއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެ ނިޒާމު ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިން ހިނގަން،" ނާއިފް ވިދާޅުވިއެވެ.


