Thursday, 29 October 2026

އިންޑިއާއިން ދިން 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުމުގެ މުއްދަތު ފަސްކޮށްދީފި

ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ މުއްދަތު އިތުރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ. މިކަން އިއުލާންކުރެވުނީ އިއްޔެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން އާ ދެމެދު ބޭއްވުނު ބައްދަލުވުމަކަށް ފަހު އެވެ.

މި ޓީ-ބިލަކީ 2019 ވަނަ އަހަރު ސަރުކާރުން އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން ބާކީ އޮތް އަދަދެކެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދެއް ކަމަށާއި، އަދި 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލްގެ ގޮތުގައި ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ވަނީ 770 މިލިއަން ރުފިޔާ (50 މިލިއަން ޑޮލަރު) ގެ އެއް ޓީ-ބިލް އަނބުރާ ދައްކާފައެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު ދައްކަންޖެހުނު 50 މިލިއަން ޑޮލަރުގެ މުއްދަތު ވެސް އިންޑިއާ ސަރުކާރުން ވަނީ އިތުރުކޮށްދީފައެވެ.

އިއްޔެ ބޭއްވުނު ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ރާއްޖެއަށް ލިބިފައިވާ 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ތެރެއިން މިހާތަނަށް 400 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ބޭނުންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *