މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި ބިލު ތަސްދީގު ނުކުރުމަށް ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ކުރި މުޒާހަރާއެއްގައި އެ ގައުމުގެ ނޫސްވެރިން ގޮވާލައިފި އެވެ. މި މުޒާހަރާ ކުރީ އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައި ކަމަށްވާއިރު، އޭގައި ގާތްގަނޑަކަށް 20 ނޫސްވެރިން ބައިވެރިވި އެވެ.
ރައީސް މުއިއްޒުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ނޫސްވެރިކަމާއި އިންޓަނެޓުގައި ފާޅުކުރާ ހިޔާލު ރެގިއުލޭޓް ކުރެވޭ ގޮތަށް އިއްޔެ ބިލު ފާސްކުރުމާ ގުޅިގެން، ސަރުކާރަށް ދަނީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ. މީގެ ތެރޭގައި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އާއި އެމެރިކާގެ އެމްބަސީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ބިލު ފާސްކުރިއިރު، މާލޭގައި ވެސް ނޫސްވެރިންނާއި އާންމުން ވަނީ މުޒާހަރާކޮށްފައެވެ.


