Tuesday, 28 July 2026

ކުރީގެ ރައީސުންނަށް ދޭ ޕެންޝަން ކުޑަކުރަން ނަޝީދު ތާއީދުކުރައްވައިފި

ކުރީގެ ރައީސުންނަށް ސަރުކާރުން ދެމުންދާ ޕެންޝަންގެ އަދަދު ކުޑަކުރުމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުންދާ އިނާޔަތްތައް މުރާޖަޢާކޮށް، އެ އިނާޔަތްތަކަށް ބަދަލު ގެނައުމަށް ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 10 ވަނަ ދުވަހު ވަނީ އިޢުލާނު ކުރައްވާފައެވެ. މިކަމާ ގުޅިގެން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރައްވާ ބޭފުޅުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރޭގައި، ޕެންޝަން ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އަންނަ ނަމަ، އެ މުއްދަތުގައި އިނާޔަތް މެދުކަނޑާލެވޭނެ ގޮތަށް ގަވާއިދުތައް ބަދަލުކުރެވިގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައަށް އާންމުންގެ ސަމާލުކަން އިތުރުވެފައިވަނީ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ޚަރަދުގެ ތަފާސްހިސާބުތައް ފަހުން އާންމުވުމާ ގުޅިގެންނެވެ. މި ހިސާބުތަކުން ދައްކާގޮތުން، ހަމައެކަނި ކުރީގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *