ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ގޮތަށް ބިލު އިސްލާހުކުރުން ހިމެނެއެވެ.
ބިލަށް ގެނެވުނު އެހެނިހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، ވޯޓު ނެގުމަށް ނިންމާ ތާރީޚާއި ވޯޓު ނަގާ ދުވަހާ ދެމެދު އޮންނަންޖެހޭ މުއްދަތުތަކަށް ބަދަލު ގެނައުން ހިމެނެއެވެ. ނަމަވެސް، ވަކި ސަރަހައްދެއްގައި ނަގާ ވޯޓުތައް މި އުސޫލުން އިސްތިސްނާވާނެއެވެ.
އަދި ރެފަރެންޑަމްގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ދޫކުރުމަށް ކުރިން ކަނޑައެޅިފައިވާ 14 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރުކޮށްފައިވެއެވެ. މި ބަދަލާއެކު، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަންޖެހޭނެއެވެ.
މި އިސްލާހުތަކާއެކު ބިލު ފާސްކުރެވިފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.


