ޤައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގައި އުތީމު ރައްޔިތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށް ބައްލަވައި، ހއ. އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުވެރި ޚިދުމަތުގެ އިނާމު ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި އިނާމު ދެއްވުމަށް ނިންމަވާފައިވަނީ، ގާތްގަނޑަކަށް ފަސް ގަރުނުގެ މުއްދަތެއްގައި އުތީމު ގަނޑުވަރު ބެލެހެއްޓުމާއި ރައްކާތެރިކުރުމުގައި އުތީމު ރައްޔިތުން ދެއްވާފައިވާ އަގުހުރި ޚިދުމަތަށް ބެއްލެވުމަށްފަހުގައެވެ. އުތީމު ގަނޑުވަރަކީ ދިވެހި ޤައުމުގެ ތާރީޚުގައި ވަރަށް މުހިންމު މަޤާމެއް ޙާޞިލުކޮށްފައިވާ ތަރިކައެކެވެ.
މި އިނާމު ރަސްމީކޮށް ހަވާލުކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައެވެ.
ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ޤައުމީ އިނާމާއި ޤައުމީ ޝަރަފުވެރިކަމުގެ އިނާމުވެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަހަރު ޤައުމީ އިނާމު ތިން ފަރާތަކަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އަވަހާރަވެފައިވާ އެއް ފަރާތެއް ހިމެނެއެވެ. އަދި ޤައުމުގެ ތަރައްޤީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 9 ފަރާތަކަށް ޤައުމީ ޝަރަފުވެރިކަމުގެ އިނާމު ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.


