މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ގަވާއިދާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި ގުދަންތައް ހުއްޓުވުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު މަސައްކަތް ފަށައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ތަންތަނުގެ ތެރެއިން ކައުންސިލްގެ އެންގުން މިހާރު ހިއްޕާފައިވާ ތަންތަން ހިންގަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާނަމަ، އެ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ހުށަހެޅުމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ލިޔުން ހުށަނާޅައިފިނަމަ، އެ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމަށް ބަލައި، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާއިރު، އެ ތަންތަނުގައި ބަހައްޓާފައި ހުރި ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެފައިވަނީ، މަސް މާރުކޭޓު ތަރައްގީކުރުމަށް މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް ހަދާފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ރަނގަޅީ ކޮން އެއްބަސްވުމެއްކަން އަދި ސާފުނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ ކޮންޓްރެކްޓް ހަދާފައިވަނީ 6.1 މިލިއަން ޑޮލަރަށް ކަމަށްވާއިރު، ދެވަނަ ކޮންޓްރެކްޓް ހަދާފައިވަނީ 9.6 މިލިއަން ޑޮލަރަށެވެ.
މޭޔަރު އާޒިމް ފާހަގަކުރެއްވި ގޮތުގައި، ދެވަނަ ކޮންޓްރެކްޓް ހަދާފައިވަނީ ބިޑް ކޮމިޓީގެ ނިންމުމާ ޚިލާފަށް އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެކުގައެވެ. އަދި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކައުންސިލްގެ ލީގަލް އޮފިސަރު އަލީ ނަސީރު ކަމަށާއި، މި އެއްބަސްވުން ހަދާފައިވަނީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


