ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމާއި މީޑިއާތަކުގެ ބްރޯޑްކާސްޓިންގ ހުއްޓުވުމުގެ ބާރު ލިބިދޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ފޯރުވޭނެ ކޮމިޝަނެއް އުފެއްދުމަށް އަމާޒުކޮށް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ގާނޫނުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ހުށަހަޅުއްވާފައިވަނީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް މީޑިއާ ކޮންޓްރޯލްކުރުމަށް އަމާޒުކޮށް ހުށަހެޅި ބިލެއް، ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ ފާޑުކިޔުންތަކާ ގުޅިގެން އަނބުރާ ގެންދަވާފައިވާ އަބްދުލްހަންނާން، މިފަހަރު ހުށަހަޅުއްވާފައިވާ ބިލުގައި ވެސް މީޑިއާތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވޭނެ ގިނަ ކަންކަން ހިމަނުއްވާފައިވެއެވެ.
ބިލުގައިވާ ގޮތުން އުފައްދާ ކޮމިޝަނުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިއީ މިހާރު އޮންނަ ގޮތާ ޚިލާފަށް، ކޮމިޝަނުގެ އިސް މަގާމުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވޭނެ ގޮތަށް ގެނެވޭ ބަދަލެކެވެ.
ބިލުގައި މީޑިއާތަކާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި 25,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި، މައްސަލަ ބަލަމުންދާއިރު ވަގުތީގޮތުން ރަޖިސްޓްރީ ބާތިލުކުރުމާއި، ވެބްސައިޓް ބްލޮކްކުރުމާއި ބްރޯޑްކާސްޓިންގ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ލިބިދެއެވެ. އަދި ގާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.
މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ބިލެއް ކަމަށް ބުނެ، ކުރީގެ ބިލާ ދެކޮޅަށް ވަކާލާތުކުރި ފަދައިން، މި ބިލާ ދެކޮޅަށް ވެސް އިދިކޮޅު ފަރާތްތަކާއި ނޫސްވެރިންގެ ޖަމިއްޔާތަކުން އަޑުއުފުލާނެ ކަމަށް ބެލެވެއެވެ.


