މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުގީގަށް ހައްޔަރުކޮށް، މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި ބަންދުކޮށްފައި ހުރި ގ. ޒާމިއާ، އަހްމަދު އަފްރާހު (48 އަހަރު) މިއަދު މަރުވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަތޮޅުވެހީގައި އަފްރާހު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ މިއަދު ފަތިހު 5:50 ހާއިރު އެވެ. އޭރު ވެސް އޭނާގެ ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުމާ އެކު ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް، އޭނާ ވަނީ މަރުވެފަ އެވެ.
އަފްރާހުގެ ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ މެންދުރު 1:26 ގައި އަމުރުކުރި އެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާ ބަންދުކުރީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭންޖެހޭ މީހަކަށް ވާތީ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ކުށުގެ ރެކޯޑު އޮންނަ އަފްރާހު ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން، އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.
މި މަރުގެ ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި މައްސަލައިގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.


