ޕާކިސްތާނުގެ މިނިވަންދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ އިސްވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވާފައިވަނީ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
"ޕާކިސްތާނުގެ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ޕާކިސްތާނުން މިހާތަނަށް ހޯދާފައިވާ ކުރިއެރުން ފާހަގަކުރަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން މުސްތަޤުބަލުގައި ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ އިނގިރޭސިވިލާތުގެ ކޮލޮނިއަލް ވެރިކަމުން މިނިވަންވެ، ޕާކިސްތާން މިނިވަން ދައުލަތެއްގެ ގޮތުގައި އުފެދުނު ދުވަހެވެ.


