ބ. ކެންދޫގައި އާ ބަނދަރެއް ތަރައްގީކުރުމާއެކު އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއަކީ މިދިޔަ މާޗު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
119.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ހައުސިން މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން 112,016 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން 278 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި، 10 މޫރިން ބޮއި ހަރުކުރުމާއި، 971 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 62 މީޓަރު ފައިކަށި ޖެހުމާއި، 29 މީޓަރު ނެރު ފައިކަށި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ބ. އަތޮޅުގެ ދަތުރުފުޅުގައި ކެންދޫއަށް ވަޑައިގެން، މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން، އެ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތާއި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ވެސް އިފްތިތާހުކޮށްދެއްވާފައިވެއެވެ.


