Wednesday, 29 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މުއްދަތު އިތުރު ދެ އަހަރަށް ދަންމާލައިފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކޮށް ޚިދުމަތް ފެށުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ދެ އަހަރަށް ދަންމާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ތާއީދާ އެކުގައެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށް ހިންގަން ޖެހޭނެއެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން މި މަސައްކަތްތައް ނިންމަން ޖެހެނީ މި އަހަރުގެ ނިޔަލަށެވެ.

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ނަރުދަމާގެ މަސައްކަތްތައް ނިމިފައިވާ ގިނަ ރަށްރަށުގައި ޚިދުމަތް ނުދެވި ލަސްވަނީ ޔޫޒާ ރައިޓްސް އެގްރީމެންޓް (ޔޫއާރުއޭ) އަށް ބޭނުންވާ ލިޔެކިއުންތަކާއި ޓެންޑަރ ބޯޑުން ނަގަންޖެހޭ ހުއްދަތައް ނުނެގި ހުރުމުގެ ސަބަބުންނެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ފެށިނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ މަޝްރޫޢުތަކެއް ނުނިމި ލަސްވެފައިވެއެވެ. އަދި މިހާރުގެ ސަރުކާރުން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ ބަޖެޓުގައި މަޝްރޫޢުތަކަށް އެކަށީގެންވާ ވަރަށް ފައިސާ ކަނޑައެޅިފައި ނެތުމުގެ ސަބަބުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މި އިސްލާހު ފާސްވުމާ ގުޅިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް އިތުރު ދެ އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ. ނަމަވެސް މަޝްރޫޢުތައް ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އަދިވެސް އެބައޮތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *