ކަމަދޫ އަތޮޅުގެ ތަރައްޤީގެ ލިސްޓުގެ ފަހަތުގައި އޮތްއޮތުން ނިމުމަކަށް ގެނެސް، ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި ރައީސް ވިދާޅުވީ، އެރަށަށް ވަޑައިގަތީ ރައްޔިތުން ބޭނުންވާ ކަންކަން އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށް ކަމަށެވެ.
ރައީސް ވަނީ ކަމަދޫ ސްކޫލްގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރައްވާ، ސްކޫލަށް އިތުރު ވަސީލަތްތަކާއި ޖާގައިގެ ތަނަވަސްކަން ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ހޯކްސް ހޮޓެލާއެކު ވެފައިވާ އެއްބަސްވުމާއެކު ސީޕްލޭން ޚިދުމަތް ފެށުމުން ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް ބަލާއިރު، ރައީސް ވަނީ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު މިއަހަރު ނިމުމުގެ ކުރިން ފެށޭނެކަމަށް ވިދާޅުވެފައެވެ. "ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިއްޙީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށް، ޖާގައިގެ މައްސަލަ ހައްލުކޮށް، 16 ގަޑިއިރުގެ ޚިދުމަތް ފޯރުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ބޭނުންވާ ތަކެތި ގެނައުން އެސްޓީއޯއާ ހަވާލުކޮށްފައިވާކަމަށާއި، ޓާފް ގެނެވުމުން ފުޓުބޯޅަ ދަނޑު އަޅުއްވައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރަށުގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.


