ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރޭ ފުރާވަޑައިގެންފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންނެވި ޑިސަނަޔަކަ ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ އެމަނިކުފާނާ ސަލާމްކުރައްވާފައެވެ.
މި ދަތުރުފުޅުގައި ޑިސަނަޔަކަ ވަނީ ސަރުކާރުގެ އެކި އިސް ވެރިންނާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މިގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ވަކިން ބައްދަލުކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.


