Tuesday, 28 July 2026

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު މާލެ ގެނެސްފި

މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހީމް (29، ނަލަހިޔާ/މާވަށް) ގެ ހަށިގަނޑު އިތުރު ތަހުލީލުތައް ހެދުމަށްޓަކައި ރޭ މާލެ ގެނެސްފިއެވެ.

އިއްޔެ ހެނދުނު 10:00 ހާއިރު ހިނގި މި ހާދިސާގައި މޫސާ އިބްރާހީމަށް ވަޅިން ހަމަލާދީފައިވަނީ އޭނާގެ ކަރަށެވެ. އަދި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް (29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު) ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި މޫދު އަޑިން ވަނީ ނަގާފައެވެ. މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް ފަރާތެއް ކަމަށް ފުލުހުން ބުނެއެވެ.

މާވަށުން މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ އެ ދެ ޒުވާނުންގެ މެދުގައެވެ. މުހައްމަދު އިބްރާހިމަކީ މާވަށު މީހަކާ ކައިވެނިކޮށްގެން އެރަށުގައި އުޅުނު މީހެއް ކަމަށާއި، މިހާރު ވަރިވެފައިވި ނަމަވެސް ދޭތެރެއަކުން މާވަށަށް ގޮސްއުޅޭ ކަމަށް ރަށުތެރޭގައި ބުނެއެވެ. އަދި މި ދެމީހުންގެ މެދުގައި ޖެހިގެން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށްވެސް ރަށުތެރޭގައި ވާހަކަ ދެކެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *