Tuesday, 28 July 2026

ސްރީ ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް، ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޑިސަނަޔަކެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް މުއިއްޒާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންނެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ސްރީ ލަންކާގެ 10 ވަނަ ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތް ފަހުން، ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާ އެންމެ އަވައްޓެރި އެއް ޤައުމު ކަމަށްވާ ސްރީ ލަންކާއާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. މި އަހަރަކީ އެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސްރީ ލަންކާގެ ރައީސްގެ މި ދަތުރުފުޅުގެ ކުރިން، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މި މަހުގެ 25 އިން 26 އަށް ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

ސްރީ ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ގުޅުންތައް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *