Tuesday, 28 July 2026

ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ ޖުލައި 10 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.9 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އާމްދަނީގެ ތެރެއިން 15.4 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މިއީ ޖުމުލަ އާމްދަނީގެ 76.3 ޕަސެންޓެވެ. ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާ ގުޅިގެން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 96.5 ޕަސެންޓް އިތުރުވެފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖުން ލިބުނު އާމްދަނީ 54.4 ޕަސެންޓް އިތުރުވެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 53.3 ޕަސެންޓް އިތުރުވެފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.1 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ އާއި ހިލޭ އެހީގެ 50.6 ޕަސެންޓް މިހާރު ވަނީ ލިބިފައެވެ. އަދި އަހަރަށް ލަފާކުރި ޚަރަދުގެ 38.1 ޕަސެންޓް މިހާތަނަށް ވަނީ ހޭދަކުރެވިފައެވެ. އާމްދަނީ އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ އަދަދުވެސް 54.4 ޕަސެންޓް އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *