ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތާ ހަމައަށް އައިއިރު، ޕްރޮޖެކްޓުގެ އެކި ބައިތައް ނިންމި ފަރާތްތައް ނަންބަރުތަކުން ސާފުކޮށް އެނގެން އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުލައި 26 ގައި ހުޅުވުމަށް ތައްޔާރުވަމުންދާ އައު ޓާމިނަލްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށުނު އެއް ބިލިއަން ޑޮލަރުގެ މެގަ މަޝްރޫއުގެ ބައެކެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު ޓާމިނަލްގެ އަމަލީ މަސައްކަތް ފެށިފައި ނުވާއިރު، އޭގެ ފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމާއި މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަމުގައި މަސައްކަތްތައް ކުރިއަށް ގެންދެވުނެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫއުތަކާ ގުޅުވައިގެން ކުރެވޭ މިފަދަ ބަހުސްތަކަކީ މުޖުތަމައުގެ ތެރޭގައި އޮތް ވަރަށް ގޯސް އާދައެއް ކަމަށެވެ. އަދި ވާހަކަތައް ކޮންމެ ގޮތަކަށް ދެކެވުނު ނަމަވެސް ހަގީގަތް ބަދަލެއް ނުވާނެ ކަމަށާއި، މުޅި އެއާޕޯޓު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތުގެ ތަފްސީލުތައް ސާފުކޮށް އެނގެން ހުރި ކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައިވެސް އެއާޕޯޓު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އަދި މަސައްކަތުގެ ކްރެޑިޓް ހައްގުވާ، އެ ލިބެންޖެހޭ ކޮންމެ ފަރާތަކަށްވެސް ޝުކުރު އަދާކުރަންޖެހޭ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.


