މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު (21 އ) ގެ މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަން މިއަދު އުވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ކޮމިޝަން އުވާލައްވާފައިވަނީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުންނެވެ.
މިދިޔަ އޭޕްރީލް 27 ގައި އުފެއްދި މި ކޮމިޝަނާ ހަވާލުކުރެވުނު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޔުމްނު ވެއްޓުނު މައްސަލަ މިނިވަން އަދި މުސްތަޤިއްލު ތަޙުޤީޤެއް ކުރުމާއި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތައް ވަޒަންކުރުމާއި، މި މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސަށް ލަފާ އެރުވުން ހިމެނެއެވެ.
ކޮމިޝަނުން މިދިޔަ މަހުގެ 17 ވަނަ ދުވަހު އާންމުކުރި ތަޙުޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ޔުމްނު ވައްޓާލި ކަމަށް ނުބެލެވޭ ކަމަށާއި، އޭނާ ވެއްޓިފައިވަނީ ކުޑަދޮރުން ކަމަށް ބުރަވެވޭ ކަމަށެވެ. އަދި ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯމް މިނިސްޓްރީ އަދި ޞިއްޙީ ވުޒާރާއަށް އަންގަވާފައެވެ.


