ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ޗެކިން ސިސްޓަމްގެ ޓެސްޓުތައް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ޓެސްޓުތަކަކީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް އަދި އެއާޕޯޓް ޓްރާންސްފާ (އޮރާޓް) ޕްރޮސެސްގެ ބައެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ހާމަކުރި ގޮތުގައި، މި ޓެސްޓުތަކުގެ ތެރޭގައި ޓާމިނަލްގެ ޚިދުމަތްތަކާއި އިކުއިޕްމަންޓްތަކުގެ އިތުރުން މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ޕާސް ޕްރިންޓްކުރާ ސިސްޓަމްތައް ހިމެނެއެވެ. އަދި މި ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ މުވައްޒަފުން މެދުވެރިކޮށެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވަނީ މިއަދުގެ ޓެސްޓުތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެންމެ ފުރަތަމަ ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގެންފައެވެ. މީގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފު އަދި ކުންފުނީގެ އެހެނިހެން އިސްވެރިންވެސް މި ޓެސްޓުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.


