Tuesday, 28 July 2026

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ރިޓްސް ކަރލްޓަންގެ ގާޑަން ޕެވީލިއަންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވަކިވަކިން ބައްދަލުކުރައްވާ، އެ އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސް މުޢިއްޒު ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް ހާލުއަހުވާލު އޮޅުންފިލުވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ދިވެހިން އެކި ޤައުމުތަކަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް، ދިވެހިންގެ އަޚުލާޤާއި ރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށް އިސްކަންދިނުމަކީ ރައީސްގެ އެދިވަޑައިގަތުމެއް ކަމުގައި ވިދާޅުވިއެވެ.

"ދުނިޔެ ތަރައްޤީވަމުން އަންނައިރު ދިވެހި މުޖުތަމައުގެވެސް ވިސްނުމާއި ފިކުރު ބަދަލުވެގެންދޭ. ބައެއް ފަހަރު ބައެއް ދަތިތައް ދިމާވޭ. ނަމަވެސް ކޮންމެ މީހަކީވެސް ދިވެހިންގެ ރީތި ސިފަތަކާއި އަޚުލާޤު އަދި ދިވެހިންގެ ރީތި ނަން ހިފެހެއްޓުމަކީ މުހިއްމުކަމެއް،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *