އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާއި ޕާޓީގެ ރައީސްގެ މަޤާމު އެއްކޮށްލުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ބަދަލަކީ ޕާޓީ ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް ރަނގަޅު ބަދަލަކަށް ވެގެންދާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ޕާޓީގެ ލީޑަރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް އެ ދައުރުގެ ތެރޭގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އަސާސީ ގަވާއިދު އިޞްލާޙުކުރުމަށް ހުށަހަޅުއްވާނެއެވެ. މީގެ އިތުރުން، ޕާޓީގެ ލީޑަރަކަށް ވަޑައިގަންނަވާ ބޭފުޅަކަށް އެމްޑީޕީގެ ސަރުކާރެއްގައި އެއްވެސް ވަޒީފާއެއް އަދާނުކުރެވޭ ގޮތަށް ހަމަޖެއްސުމަށްވެސް ގަސްދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ޕާޓީގެ ގޮތުގައި ޕާޓީ ހިންގުމަށް ޓަކައި ޕާޓީ ހިންގަން ހުންނަ މީހާއަކީ އެ ކަންކަމުން ސަލާމަތްވެ، އެއްކިބާވެފައި ހުންނަ މީހެކޭ. އެ މީހާގެ މަސައްކަތަކީ ޕާޓީ ވަރުގަދަކުރުން،" ފައްޔާޒު ވިދާޅުވިއެވެ.
މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ޕާޓީގެ ތެރޭގައި އުފެދޭ ފެކްޝަންތަކާއި އެހެނިހެން ސިޔާސީ އޮއިވަރުތަކުގެ ތެރެއިން މިނިވަންކަމާއެކު ޕާޓީ ހިންގުމުގެ ފުރުޞަތު ދިނުން ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި މިއީ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުން ރައްޔިތުންނަށް އެ ބޭފުޅެއްގެ ޤާބިލުކަން ސާބިތުކޮށްދިނުމަށް ލިބޭނެ ފުރުޞަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު އެމްޑީޕީގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރައްވަން ގިނަ ބޭފުޅުން ޝައުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ. އެގޮތުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ފައްޔާޒު އިސްމާއިލްގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.


