ޅ. މަޑިވަރު އެއާޕޯޓާއި ދިމާލުން ލޯންޗަކާއި ޑިންގީއެއް ޖެހި، ހިނގައިދިޔަ އެކްސިޑެންޓާއި ގުޅިގެން އިތުރު ފަރުވާއަށް ދެ މީހަކު މާލެ ފޮނުވާލައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހިންނަވަރު ޑިންގީއަކާއި ކަނުހުރާ ރިސޯޓުގެ ލޯންޗެއް ޖެހި ހިނގި މި އެކްސިޑެންޓުގެ ރިޕޯޓް ލިބިފައިވަނީ ރޭގައެވެ. މި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ޑިންގީގައި ދަތުރުކުރި ތިން މީހުންނަށެވެ.
އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް ފުރަތަމަ ފަރުވާ ދީފައިވަނީ ޅ. ނައިފަރު ހޮސްޕިޓަލުގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވި ޑިންގީގެ ކެޕްޓަނާއި އިތުރު މީހަކު އިތުރު ފަރުވާއަށް ރޭ ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ލޯންޗާއި ޖެހުމާއި ގުޅިގެން ޑިންގީ ވަނީ ގެއްލިފައެވެ. އަދި ބެލެވޭ ގޮތުގައި ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ދަނީ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަވަމުންނެވެ.


