Tuesday, 28 July 2026

ޙާފިޒުންނަށް ދޭ އިނާޔަތް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައިފި

ޙާފިޒުންނަށް ދޭ އިނާޔަތް އަންނަ މަހުން ފެށިގެން ދެ ގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، 1 ޖުލައި 2025 އިން ފެށިގެން މި އެލަވަންސް ދެގުނައަށް ބޮޑުކުރުމަށް ވަނީ ނިންމަވާފައެވެ. މިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، "ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް" ކަމުގައެވެ.

ސަރުކާރުން މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަކީ އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިގޮތުން ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށާއި ޙާފިޒުން އުފެއްދުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ޙާފިޒުންނަށް ސަނަދު ދިނުމުގެ އުސޫލަށްވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް، ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުންނަށް ދޭ ސަނަދަކީ އެމްކިއުއޭއިން ޤަބޫލުކުރާ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ފެންވަރުގެ ސަނަދެއްގެ ގޮތުގައި ބަލައިގަނެވޭ ސަނަދަކަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *