ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ކަމާ ގުޅޭ ދާއިރާތަކުގެ މިނިސްޓަރުންގެ އަރިހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މިކަން ރައީސް އިއުލާންކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ، ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަށްޓަކައި އައު ކަންތައްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ކެބިނެޓު ބައްދަލުވުމުގައި ރައީސް ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ މީހެއްގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރުމާ ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށްފަހު، އެކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް މިނިސްޓަރުންނަށް އަންގަވާފައެވެ. ނަމަވެސް މި ކަމުގެ އިތުރު ތަފުސީލެއް އަދި ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ސަރުކާރުން ވަނީ މިހާރުވެސް އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާއި، ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން ނުރައްކާ އަންގައިދޭ ލޭބަލް ނުޖަހާ ސިނގިރޭޓު އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ.


