Tuesday, 28 July 2026

އޭޕްރީލް 18 ގެ ހާދިސާގެ ތަޙްޤީޤު ރިޕޯޓުގައިވާ ކަންކަން ތަންފީޒުކުރުމަށް ރައީސް އަންގަވައިފި

މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގުގައި ފާހަގަކުރި ކަންކަން ތަންފީޒުކޮށް ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.

ރިޕޯޓުގައި ފާހަގަކުރެވިފައިވާ ގޮތުގައި، ހާދިސާ ހިނގި ވަގުތު ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަށް މަޢުލޫމާތު ލިބުނީ ގަޑިއެއްހާއިރު ފަހުންނެވެ. މީގެ ސަބަބުން، ކުށުގެ ވެށިން ހޯދަންޖެހޭ މުހިންމު ހެކިތަކާއި ޤަރީނާ ހޯދުމުގައި ލަސްތަކެއް ދިމާވެފައިވެއެވެ.

އަދި ކްރައިމް ސީން ޕްރޮސެސްކުރުމުގައި ވެސް އެތައް މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ. ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވުމާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަޅަން އަންގާފައިވާ ފިޔަވަޅުތައް

މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ފުލުހުންގެ އެސް.އޯ.ޕީތައް އަލުން މުރާޖަޢާކޮށް، މުވައްޒަފުންނަށް އަހުލުވެރިކުރުވައި، އިތުރު ތަމްރީނުތައް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވެއެވެ. އަދި މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުމަށްވެސް އަންގަވާފައިވެއެވެ.

މީގެއިތުރުން، ހާދިސާގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ދާއޫދު އަޙްމަދު ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުގައި ފާހަގަކުރެވޭ ތަފާތުތަކާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދިއުމަށްވެސް އަންގަވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *