12 ގައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވީ ރައީސް އޮފީހުގައި ވަކިވަކިންނެވެ.
މިގޮތުން ފަތްކޮޅު އެރުވި ގައުމުތަކުގެ ތެރޭގައި ނޭޕާލް، އީރާން، މިސްރު، ސްޕެއިން، ނޯވޭ، ސައިޕްރަސް، ޕެރަގުއޭ، އަލްޖީރިއާ، ތަޖިކިސްތާން، ކެންޔާ، ކެމްބޯޑިއާ އަދި ގިނީ ހިމެނެއެވެ. ފަތްކޮޅު އެރުވުމަށްފަހު، ރައީސް މުއިއްޒު ކޮންމެ ސަފީރަކާ ވަކިވަކިން ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އާ ސަފީރުންގެ ތެރޭގައި ނޭޕާލުން ޑރ. ޕޫރްނާ ބަހޫދޫރު، ތަޖިކިސްތާނުން ބޮބޮކަލޮންޒޮދާ ލުކްމޮން، މިސްރުން އާދިލް އިބްރާހީމް، ކެންޔާއިން ޕީޓާ މުންޔެރީ މައިނާ އަދި ކެމްބޯޑިއާއިން ރޮތެ މާނީ ހިމެނެއެވެ.
މީގެއިތުރުން، އަލްޖީރިއާއިން ޑރ. އަބްދެނޯރް ހެލީފީ، އީރާނުން ޑރ. އަލީރެޒާ ދެލްކޯޝް، ސްޕެއިނުން ޖުއާން އެންޓޯނިއޯ، ނޯވޭއިން މޭ އެލިން-ސްޓެނާ، ގިނީން ކޮންޓޭ އެލަސޭން، ސައިޕްރަސްއިން އެވަގޯރަސް ރިއޮނައިޑްސް އަދި ޕެރަގުއާއިން ފްލެމިން ރޯލް ޑުއާޓް ރަމޯސް ވެސް ވަނީ އެ ބޭފުޅުންގެ ފަތްކޮޅު ރައީސަށް އަރުވާފައެވެ.


