މާލޭގެ މައްޗަންގޮޅި ގެއެއްގެ ދެވަނަ ފަންގިފިލާއިން މިއަދު ފަތިހު އަންހެނަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. މި ހާދިސާގައި އަނިޔާވި 42 އަހަރުގެ އަންހެން މީހާއަށް މިހާރު ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފަ އެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:00 ހާއިރު އެވެ. އޭނާ ވެއްޓިފައިވަނީ ދެ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައިވޭ. ދެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެފައިވޭ. މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަދޭ،" ފުލުހުންގެ ތަރުޖަމާނު ބުނެފައިވެ އެވެ.
މި ހާދިސާ ހިނގި ސަބަބު އަދި ސާފުވެފައި ނުވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.


