މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ ތިން މަޤާމަށް މިއަދު އައު މެންބަރުން އިންތިޚާބުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވުނު ބައި-އިލެކްޝަނުގައި، މީޑިއާގެ ދާއިރާއިން ދެ މެންބަރުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެއް މެންބަރަކު ވަނީ ހޮވާފައެވެ. މީޑިއާގެ ދާއިރާއިން ހޮވުނު ދެ މެންބަރުންނަކީ "ދައުރު" ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމް (50 ވޯޓު) އާއި "އަދަދު" ނޫހުގެ ލީވާން އަލީ ނާސިރު (48 ވޯޓު) އެވެ. އަދި އެ ދެ ގޮނޑިއަށް ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބިފައިވަނީ ހަތަރު ވޯޓެވެ.
އާންމު ރައްޔިތުންގެ ފަރާތުން ކައުންސިލަށް ހޮވުނީ ލ. ގަމުގެ ހައްވާ ވަޖުދާއެވެ. އޭނާއަށް 38 ވޯޓު ލިބުނުއިރު، އެންމެ ގާތުން ވާދަކުރި ހދ. ވައިކަރަދޫގެ ނަހްދާ އާދަމަށް ލިބުނީ 12 ވޯޓެވެ.
މި އިންތިޚާބު ބޭއްވުނީ މިދިޔަ ޑިސެމްބަރު މަހު ތިން މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެން، ދެ ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު، އަދި އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށްފަހުގައެވެ.


