ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހއ. އުތީމު އަލިމަސްގެ، އާދަމް ޢަބްދުއްރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ.) އަރުވައިފިއެވެ. މި ޢިއްޒަތް އެރުވީ މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އުތީމު އާދަމްބެގެ ނަމުން މަޝްހޫރު އާދަމް ޢަބްދުއްރަޙްމާނު ދައުލަތަށް ޚިދުމަތްކުރަން ފެއްޓެވީ 1965 ވަނަ އަހަރުގެ އޮގަސްޓު 26 ވަނަ ދުވަހު ހއ. އުތީމުގެ ކަތީބުކަމުގެ މަޤާމުންނެވެ. އޭގެފަހުން 15 އަހަރަށްވުރެ ގިނަ ދުވަހު ކަތީބުކަން ކުރެއްވުމަށްފަހު ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމު އަދާކުރެއްވިއެވެ. އަދި ތިން ފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތަކަށް ހއ. އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވާފައިވެއެވެ.
އާދަމް ޢަބްދުއްރަޙްމާނުގެ ޚިދުމަތުގެ ތެރެއިން ޚާއްޞަކޮށް ފާހަގަކުރެވެނީ 1970 ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކަށް ކާޑު ލިބުން ދަތިވި ދުވަސްވަރު، އުތީމުގެ އެއްވެސް ރައްޔިތަކު ބަނޑަށް މަރުނުވާނެހެން ކުރެއްވި މަސައްކަތްޕުޅުތަކެވެ. މީގެއިތުރުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދިއުމުގެ އައު އުސޫލެއް ތަޢާރަފުކުރެއްވުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.
އާދަމް ޢަބްދުއްރަޙްމާނަކީ ރައްޔިތުންނާ ވަރަށް ގާތްގުޅުމެއް ބާއްވަވައި، ރައްޔިތުންގެ މުހުތާދުތައް ދެނެވަޑައިގެން، އެވަގުތަކަށް ހައްލުކޮށްދެވެން އޮތް މިންވަރަކުން ރައްޔިތުންގެ ދަތިތައް ހައްލުކޮށްދެއްވުމަށް އަބަދުވެސް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި ކުރިން ހަމައެކަނި މާލެއިން ލިބެންހުރި އިދާރީ ޚިދުމަތްތައް އަތޮޅުތަކުންނާއި ރަށްރަށުން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށްވެސް މަސައްކަތްކުރެއްވިއެވެ.
އާދަމް ޢަބްދުއްރަޙްމާނަށް މިއަދު އެރުވުނު ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތަކީ، އެމަނިކުފާނު ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ދެއްވާ ޤައުމީ އިޢުތިރާފެކެވެ.


