Tuesday, 28 July 2026

ޔުމްނު ވެއްޓުނީ މަސްތުގެ ހާލަތުގައި ވަނިކޮށް: ރިޔާސީ ކޮމިޝަން

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު އެ ހާދިސާ ހިނގިއިރު ހުރީ މަސްތުވެފައި ކަމަށް، މި މައްސަލަ ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ހާމަކޮށްފިއެވެ.

އޭޕްރީލް 18 ގައި ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށް އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި ވިދިވިދިގެން މުޒާހަރާތަކެއް ކުރިއެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ.

ދެ މަސް ދުވަހުގެ މުއްދަތުގައި ކޮމިޝަނުން ނިންމި ތަހުގީގު ރިޕޯޓު މިއަދު ރައީސަށް ހުށަހެޅުމާއެކު، އެއްވެސް ބަދަލެއް ނުގެނެސް އާންމުކުރުމަށް ރައީސް އެންގެވިއެވެ. އެގޮތުން މި ރިޕޯޓު އާންމުކޮށްފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގިއިރު ޔުމްނުއާއެކު ހުރި ރައުދު އަހުމަދު ޒިލާލް އާއި ޔުމްނު ތިބީ މަސްތުގެ ހާލަތުގައެވެ. އަދި އެ ދެމީހުން މަސްތުވީ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ، އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ ދެމީހުން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އިތުރަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔުމްނު ވެއްޓުނު ވަގުތު ސީސީޓީވީ ފުޓޭޖުން ފެންނަން ނެތްނަމަވެސް، އެރޭ ހިނގި ކަންކަމުގެ ތެރެއިން ބައެއް ކަންކަން ރައުދަށް ހަނދާން ނެތްކަމަށް ބުނެފައިވާތީ، ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *