ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އަދި ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު، ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އަވަހާރަވުމަކީ ޤުދުރަތީ މަރެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި އިމްރާން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑރ. މަޖީދުގެ ހިތާމަވެރި އަވަހާރަވުމާ ގުޅިގެން އެތައް އަހަރެއް ވަންދެން އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޝައްކުތައް މިހާރު ވަނީ ޔަޤީނަކަށް ބަދަލުވެފައިވާ ކަމަށެވެ.
"އާނއެކެވެ. ޑރ. މަޖީދު ވަނީ ބަޔަކު ޝަހީދުކޮށްލާފައެވެ،" މިހެން އިމްރާން ލިޔުއްވާފައިވެއެވެ.
2018 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު، އުމުރުފުޅުން 55 އަހަރުގައި ޑރ. މަޖީދު އަވަހާރަވެ ވަޑައިގަތީ، ސްރީލަންކާގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިޔައީ ސްޓްރޯކެއް ޖެހިވަޑައިގެންނެވުމާ ގުޅިގެންނެވެ.
ޑރ. މަޖީދަކީ ދިވެހިރާއްޖޭގައި ޤުރުއާނުގެ ތަފްސީރުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިކޮޅެވެ. އިސްލާމީ ތަޢުލީމީ ދާއިރާގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ދިވެހި އަދި ޢަރަބި ބަހުން ގިނަ ފޮތްތަކެއް ލިޔުއްވުން ހިމެނެއެވެ. އަދި 2005 ވަނަ އަހަރު އަދާލަތު ޕާޓީ އުފެއްދެވި އިރު އެ ޕާޓީގެ ރައީސްކަން ކުރެއްވިއެވެ.
މީގެ ކުރިން، 2012 ވަނަ އަހަރު ޝަހީދުކޮށްލެވުނު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ މައްސަލައިގައި ވެސް އިމްރާން ވަނީ ފާޅުގައި ވާހަކަފުޅު ދައްކަވާފައެވެ. 2015 ވަނަ އަހަރު އެ މައްސަލައާ ގުޅޭގޮތުން އޭރުގެ ރައީސް ޔާމީނާ ދެކޮޅަށް ހެކި ހުރި ކަމަށް ވިދާޅުވުމާ ގުޅިގެން އިމްރާން ވަނީ ހައްޔަރުކުރެވި، ޖަލުގައި މުއްދަތެއް ހޭދަކުރައްވާފައެވެ.


