Wednesday, 29 July 2026

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓައިފި

ކަސްޓަމްސްއިން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަސް ޕޮޓްތަކެއްގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓައިފި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ބޯޑަރުތައް ހަރުދަނާކޮށް ބެލެހެއްޓުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ކާމިޔާބީ ހޯދިފައިވާ ކަމަށެވެ.

"ކެނަބިނޮއިޑްސް" ނަމަކަށް ކިޔާ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 26 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެއެވެ.

މިއީ މި އަހަރު އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ މައްސަލަ އެވެ. މީގެ ކުރިން މި އަހަރުގެ ތެރޭގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ފެބްރުއަރީ މަހު އަތުލައިގަތް 14 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އެވެ.

މިނިސްޓަރު އިހުސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މި ކުށްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުން ވެސް ދަނީ ހަރުދަނާ ކުރަމުންނެވެ.

ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު ކަސްޓަމްސްއިން ވަނީ 400 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ މައްސަލަ އެވެ. އެ މައްސަލައިގައި ހިފެހެއްޓުނު މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *