Wednesday, 29 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުމާއި ގުޅޭ މައްސަލަ މަޖިލީހުން ބަލައިނުގަތް

މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލަ ވަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ބޭރުކޮށްލާފައެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ މިއީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށާއި، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމަކީ މީގެ ކުރިން ދިމާވެފައިވާ ކަމެއް ނޫން.ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުންނަށާއި މެޑިކަލް އާލާތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަން އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

ޑރ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި މި ހާދިސާގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން ފަތުރުވެރިންގެ ދަތުރުފަތުރަށްވެސް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.

މި މައްސަލައާ މެދު މަޖިލީހުގައި ބަހުސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 52 މެންބަރުންގެ ތެރެއިން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 9 މެންބަރުންނެވެ. އަދި 43 މެންބަރުން ވޯޓު ދެއްވާފައިވަނީ މައްސަލަ ބޭރުކޮށްލުމަށެވެ.

އިއްޔެ މެންދުރު 12:30 ގައި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ނަމަވެސް، ހަވީރު 6:00 އާ ހަމައަށް ވަނީ މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ޚިދުމަތް އަލުން ގާއިމުކުރެވިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *