Tuesday, 28 July 2026

ވާނުވާ ބަންދުގައި ތިބި ބައެއް މީހުން ފައިގައި ޓެގް އެޅުވުމަށްފަހު ދޫކުރަން ފަށައިފި

ޝަރީއަތް ނިމެންދެން ބަންދުގައި (ވާނުވާ ބަންދު) ތިބި ބައެއް މީހުން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން މޮނިޓަރ ކުރުމަށްފަހު ދޫކުރަން ފަށައިފި އެވެ. މިކަން މިއަދު ފެށިފައިވާކަން ރައީސް މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

ރައީސް މުއިއްޒު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، "މިއަދު މި ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ" ކަމަށެވެ. މި ނިޒާމުގެ ދަށުން ދޫކުރެވޭ މީހުންގެ އަދަދު އަދި އާންމުކޮށްފައެއް ނުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ބަންދުން ލުއި ދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމެވެ. މިކަން ކަށަވަރުކުރުމަށް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް އެސެސްމަންޓެއް ހަދައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ)ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން މި ލުއި ދެވޭނެއެވެ. އަދި ކޮންމެ 100 ދުވަހަކުން އެއްފަހަރު މި ޝަރުތުތައް މުރާޖައާ ކުރެވޭނެއެވެ. ޝަރުތަކާ ހިލާފުވެއްޖެނަމަ، އެ ފަރާތެއް ވަގުތުން އަނބުރާ ބަންދަށް ގެނެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *