Tuesday, 28 July 2026

ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ކުރީގެ ރައީސް ވަހީދު

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އައްޔަންކުރައްވައިފި އެވެ. މި މަގާމަށް ވަހީދު އައްޔަންކުރެއްވުމާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި މަގާމަށް ވަހީދު އައްޔަންކުރެއްވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަކުރުމަށް ސަރުކާރާއެކު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން، އިގްތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ބޭރު ގައުމުތަކާއެކު މަޝްވަރާކުރައްވައި، އެ ރޮނގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސް މުއިއްޒު ވަނީ އިރުޝާދު ދެއްވާފަ އެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސްގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވަނީ ސަރުކާރަށް ހިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެ މަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.

ރައީސް އޮފީހުން ފާހަގަކުރެއްވި ގޮތުގައި، ސްޕެޝަލް އެންވޯއީގެ މަގާމަށް ވަހީދު އައްޔަންކުރައްވާފައިވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަހީދަކީ ފާއިތުވި ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއާ ދެކޮޅަށް ކެމްޕެއިން ކުރެއްވި ބޭފުޅެއް ކަމަށްވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *