ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން، މި މަހުގެ 20 ވަނަ ދުވަހު ވަނީ ތިން ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރި ސަބަބެއްގެ ގޮތުގައި ބްރޯޑްކޮމުން ބުނެފައިވަނީ ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދިނުމާއި ކޮމިޝަނަށް އިހުތިރާމް ނުކުރާތީއެވެ.
މި މައްސަލައާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަނީ އެ ކޮމިޝަންގެ މެންބަރުންނާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ސެކްރެޓަރީ ޖެނެރަލް އާއި ޑިރެކްޓަރުންގެ މަސައްކަތްތަކަށް ކޮމިޝަނުގެ ރައީސާއި ބައެއް މެންބަރުން ހުރަސްއަޅަމުންދާ ކަމަށް ބުނެފައިވެއެވެ.
އަދި މި މައްސަލައިގައި އިތުރު ކަމެއްގެ ގޮތުން، ބްރޯޑްކޮމްގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލު ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަތް ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. ފަޒީލު ސަސްޕެންޑް ކުރި ސަބަބެއްގެ ގޮތުގައި ބްރޯޑްކޮމުން ބުނެފައިވަނީ އެ ތަނުގެ ސާވަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކަމަށެވެ.
ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑް ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަނީ އިހުތިޖާޖުކޮށް މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފައެވެ. މި ހާދިސާތަކާ ގުޅިގެން ބްރޯޑްކޮމްގެ މަސައްކަތްތަކަށް ބުރޫއަރާފައިވާކަން ފާހަގަކުރެވެއެވެ.


