ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު 3 ދުވަހުގެ ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މިނިސްޓަރު ހަލީލް އިންޑިއާއަށް ވަޑައިގަންނަވަނީ ރާއްޖެ-އިންޑިއާ ހައިލެވެލް ކޯގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ހަލީލް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލުކުރައްވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ. ހައިލެވެލް ކޯގްރޫޕުގެ ބައްދަލުވުން އޮންނާނީ މާދަމާއެވެ.
މި ކޯގްރޫޕަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ލީޑަރުން އެކުލަވާލެއްވި ތަސައްވުރު ތަންފީޒުކުރުމަށް އެކުލަވާލެވުނު ގްރޫޕެކެވެ.
ރާއްޖެ-އިންޑިއާ ކޯގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބޭއްވުނީ މިދިޔަ ޖެނުއަރީ މަހު ރާއްޖޭގައެވެ. އެ ބައްދަލުވުމުގައި 'އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް' ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭ މަޝްވަރާތައް ކުރެވުނެވެ.
ފުރަތަމަ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސޯދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.


