Tuesday, 28 July 2026

ކުޅިވަރު ގާނޫނުގެ އިސްލާހާއި، ބައި-އިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި

ރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައި އިސްލާހާއި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ދައުރު ހަމަވާން ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ކުޅިވަރު ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުތައް

ކުޅިވަރު ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުރިއަރުވުމުގެ އިޚްތިޔާރާއި ފުރުޞަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ.

ބައި-އިލެކްޝަންތަކާ ގުޅޭ އިޞްލާޙު

ލާމަރުކަޒީ ގާނޫނަށް މި ބަދަލު ގެނެސްފައިވަނީ ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތައް އިތުރުވަމުންދިއުމާއި، ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަންޖެހުމުގެ ސަބަބުން އިތުރުވަމުންދާ ޚަރަދުތަކަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައެވެ.

މި އިޞްލާޙުގެ ދަށުން:

  • ކައުންސިލެއްގެ ރައީސްގެ މަޤާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ 548 ދުވަހަށްވުރެ ކުރުނަމަ، ކައުންސިލްގެ ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަނުވާ ޙާލަތުގައި މެނުވީ، އައު މެންބަރަކު އިންތިޚާބުކުރުން މަނާވެގެންދާނެއެވެ.
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވިއިރު ކޮމިޓީގެ ޢުމުރުގެ ބާކީ 548 ދުވަހަށްވުރެ ކުރުނަމަ، ކޮމިޓީގެ ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަނުވާ ޙާލަތުގައި މެނުވީ، އައު މެންބަރަކު އިންތިޚާބުކުރުން މަނާވެގެންދާނެއެވެ.

މި އިޞްލާޙުތައް ތަސްދީގުކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށް، މިހާރު ވަނީ އެއަށް ޢަމަލުކުރަން ފަށާފައެވެ. މިހިނގާ ކައުންސިލްތަކުގެ ދައުރު ހަމަވާނީ 2024 ވަނަ އަހަރުގެ މޭ 17 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *