Wednesday, 29 July 2026

ހަ މީހަކު ހައްޔަރުކޮށް، ދެ ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަ މީހުން ހައްޔަރުކޮށް، ދެ ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ހަތް ތަނެއް ބަލައި ފާސްކުރި އެވެ. މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތީގެ ޖުމްލަ ބަރުދަނަކީ 1943.76 ގްރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ގއ. ދާންދޫ ބޯގަންވިލާ ހަސަން އަލީ (26 އަހަރު)، ޅ. ކުރެންދޫ މެދުރިގެ މުހައްމަދު އަލީޝް އަހުމަދު (28 އަހަރު)، ހދ. ނޮޅިވަރަންފަރު ސާރާޒް ވަލީދު މުހައްމަދު (26 އަހަރު)، ސ. ފޭދޫ ފެނިގެއްލިދާގެ ޖައިލަމް މުހައްމަދު ޒަކީ (28 އަހަރު)، ފ. ދަރަނބޫދޫ ނާރެސް ޝަޔާން އިސްމާއިލް ވަހީދު (18 އަހަރު) އަދި އއ. ތޮއްޑޫ ތުނޑި އިބްރާހީމް މައިޝަމް މާހިރު (21 އަހަރު) ހިމެނެ އެވެ.

މަސްތުވާތަކެތީގެ އިތުރުން މި އޮޕަރޭޝަނުގައި ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވާ ކޮށްފައިވާ ތެޔޮ ވެސް އަތުލައިގަތެވެ. މީގެ އިތުރުން 90،000 ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރު އަދި ހަ މޮބައިލް ފޯނާއި ދެ ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *